މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު، ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން އަތޮޅުތަކަށް ކުރާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން މި ބޮޑު ނިންމުން މިހާތަނަށް ހާމަނުކޮށް ސިއްރުކޮށްފައި އޮތީ ސީދާ ސިޔާސީ ބޭނުމަކަށެވެ. އެގޮތުން، އިންތިޚާބުގެ ކުރިން މިކަން ހާމަކޮށްފިނަމަ މާދަމާ އޮންނަ ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ތާއީދު ކުޑަވެ، ވޯޓު ނުލިބިދާނެކަމުގެ ބިރު އޮތުމުންކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިއީ އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލާ ފުރަތަމަ ފަހަރެއް ނޫނެވެ. ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ބުނާ ގޮތުގައި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ހަމަ މި ބީދައިން ރައްޔިތުންނަށް ކަންކަން އޮޅުވާލައްވަމުންނެވެ. އިންތިޚާބުތަކުގެ ކުރިން ރައްޔިތުންނަށް ތަކުލީފަކަށްވާ ފަދަ ނިންމުންތައް ސިއްރުކުރުމަށްފަހު، ވޯޓުލައި ނިމޭ ހިސާބުން އެފަދަ ކަންކަން ތަންފީޒުކުރަން ފެށުމަކީ މި ސަރުކާރުގެ އާދައަކަށް ވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކުރުމަކީ މާލެއާއި އަތޮޅުތަކާ ދެމެދު ދަތުރުކުރާ އާންމު ރައްޔިތުންނާއި، ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކުގެ ޖީބަށް އޭގެ ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމެކެވެ. އިންތިޚާބު ނިމުމާއެކު މި ބަދަލު ގެންނަން ތައްޔާރުވަމުންދާއިރު، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.