މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އެއްވެސް މަސައްކަތެއް ނުކޮށް ބޮޑެތި މުސާރަ ނަގަމުންދާ ސިޔާސީ މުވައްޒަފުންތަކެއް ތިބިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ ކަމެއް ނޭނގޭކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައެޅިގެން ދޮގު ހައްދަވައިފިއެވެ.
މި މަހުގެ ކުރީކޮޅު މީސްމީޑިއާގައި ވަނީ އެމްއޭސީއެލްގައި ވަޒީފާ އަދާކުރާ ކަމަށް ބުނާ 85 މީހެއްގެ ލިސްޓެއް ލީކުވެފައެވެ. 'ޙަސަން ކުރުސީ' ގެ ނަމުގައިވާ އެކްސް އެކައުންޓަކުން އޭޕްރީލް 10 ވަނަ ދުވަހު ލީކުކޮށްލި މި ލިސްޓުގައި ކުރީގެ މަޖިލިސް މެމްބަރުން ފަދަ ނުފޫޒުގަދަ ފަރާތްތައް ހިމެނެއެވެ. އެމްއޭސީއެލްގެ އިސް މުވައްޒަފުންތަކެއް ވަނީ، ނަން ހާމަނުކުރުމަށް ޝަރުތުކޮށް، މި ލިސްޓުގައިވާ ބައެއް މީހުންނަކީ ކުންފުނީގެ ޕޭރޯލްގައި ތިބި ބައެއްކަން ކަށަވަރުކޮށްދީފައެވެ.
ނަމަވެސް، މި ލިސްޓާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ ސީދާ ޖަވާބެއް ދެއްވުމަށް ފަސްޖެހިވަޑައިގެންފައެވެ. މަސައްކަތް ނުކޮށް މުސާރަ ނަގާ މީހުން އެމްއޭސީއެލްގައި ތިބިތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ރައީސް ވިދާޅުވީ "ތިފަދަ ލިސްޓެއް އަޅުގަނޑާ ހަމަޔަށް އައިސްފައެއް ނެތް" ކަމަށެވެ. އެމްއޭސީއެލްގެ އެތެރެއިން އެކަން ކަށަވަރުވެފައި އޮއްވައި، އެފަދަ ކަމެއް ނޭނގޭކަމަށް ވިދާޅުވެ ރައީސް އެ ހެއްދެވީ ދޮގެއްކަން މިވަނީ ހާމަވެފައެވެ.
މި ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ސަރުކާރުން ދަނީ ދައުލަތުގެ ކުންފުނިތައް (އެސްއޯއީތައް) އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ހަމައެކަނި އެމްއޭސީއެލް ނޫން ކަމަށާއި، ހުރިހާ ކުންފުނިތަކަކުން ވެސް މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ހުކުރު ދުވަހު ވަނީ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް އަންގާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި، ހާޒިރީއަށް ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަމަށާއި، މީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ލީކުވެފައިވާ ލިސްޓުގެ ސައްހަކަމާމެދު އެއްޗެއް ވިދާޅުވުމަށް އެމަނިކުފާނު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.