ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ގޮވާލާ ކެމްޕޭނެއް ކޮށްގެން ވެރިކަމަށް އައި ނަމަވެސް، މި ސަރުކާރުން ބޭރުގެ އަސްކަރީ ބާރުތަކަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު އަމީން ފައިސަލް ބުދަ ދުވަހު ތުހުމަތު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހިންގި 'އިންޑިއާ އައުޓް' ހަރަކާތުގެ ތެރެއިން ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މަދުވުމުގެ ބަދަލުގައި މިހާރު ވަނީ އިތުރުވެފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިންނަށް ޑްރޯން ދުއްވަން ދަސްކޮށްދިނުމުގެ ނަމުގައި ތުރުކީގެ އަސްކަރީ ފަރާތްތަކެއް މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށް އަމީން ވިދާޅުވިއެވެ.
"މިހާރު އަޑުއިވެނީ އެމެރިކާ ސިފައިން ރާއްޖެއަށް އަންނަން އުޅޭ ވާހަކަ. ޗާގޯސް ލިބިއްޖެއްޔާ އެތަން އެމެރިކާއަށް ދޭނެ،" އަމީން ވިދާޅުވިއެވެ.
އަމީން މިހެން ވިދާޅުވީ، އެމެރިކާގެ ނޫހަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއެއްގައި، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބޭސް ދެމެހެއްޓުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވަ އެވެ.
ޗާގޯސް ޖަޒީރާއަކީ މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ބޮޑު މިލްކުވެރިކަމުގެ ދެބަސްވުމެއް އޮތް ތަނެކެވެ. ނަމަވެސް، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ އޭގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ. މިހާރު އޮތް އިންތިޒާމުތަކުގެ ދަށުން، އެ ސަރަހައްދުގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން އަސްކަރީ ބޭހެއް ހިންގަމުންދެއެވެ. ރާއްޖެއިން ވެސް ދަނީ ޗާގޯސްގެ މައްޗަށް ދައުވާ ކުރަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ސަރަހައްދު ލިބެން އެންމެ ހައްގުގަދަ ގައުމަކީ ރާއްޖެ ކަމަށެވެ.
އަމީން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގައި އެމެރިކާގެ އަސްކަރީ ހާޒިރީއަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން ދަނީ "ޣައިރު ގާނޫނީ ފައިސާ" ނަގަމުންނެވެ.
"އިންޑިއާ ސިފައިން ކުރިއަށްވުރެ ގިނައިން ރާއްޖޭގައި އެބަތިބި. ތުރުކީ ސިފައިން އެބަތިބި ޑްރޯން ދަސްކޮށްދިނުމުގެ ނަމުގައި. މިހާރު މި އުޅެނީ މި ބޭފުޅުން ބަހާލަން ފައިސާ ނަގައިގެން އެމެރިކާ ސިފައިން ގެންނަން،" އޭނާ ވިދާޅުވިއެވެ.
ވެރިކަމަށް އައުމުގެ ކުރިން، މިހާރުގެ ސަރުކާރުގެ އިސް ގިނަ ބޭފުޅުންނަކީ 'އިންޑިއާ އައުޓް' ހަރަކާތް ކުރިއަށް ނެރުއްވި ބޭފުޅުންނެވެ. ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ސަރުކާރުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ހުރިހާ އަސްކަރީ މީހުން ފައިބާނެ ކަމަށެވެ. އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ދުއްވަން އަސްކަރީ މީހުންގެ ބަދަލުގައި އަންނާނީ މަދަނީ (ސިވިލިއަން) މީހުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް، އެމްޑީޕީން އަދިވެސް ތުހުމަތު ކުރަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ސިވިލިއަން ހެދުމުގައި ކަމަށެވެ.
'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅިގެންނާއި، މި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ފުރައްސާރަކޮށް ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. ނަމަވެސް، ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށްވާ އިންޑިއާއާއެކު އޮތް ގުޅުން އަލުން ރަނގަޅު ކުރުމަށް ފަހަކަށް އައިސް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.