ޚަބަރު

ކައުންސިލް އިންތިޚާބު ނިމުމާއެކު މަސްދަޅުގެ އަގު ބޮޑުކޮށްފި: ދައްކަން މި ފެށީ މުއިއްޒުގެ އަސްލު ސިފަ

ރަފްޝާ އަހްމަދު
ކައުންސިލް އިންތިޚާބު ނިމުމާއެކު މަސްދަޅުގެ އަގު ބޮޑުކޮށްފި: ދައްކަން މި ފެށީ މުއިއްޒުގެ އަސްލު ސިފަ

ދާދި ފަހުން ބޭއްވި ކައުންސިލް އިންތިޚާބު ނިމުމާއެކު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ކުއްލިއަކަށް ބޮޑުކޮށްފިއެވެ. އިންތިޚާބުގެ ވޯޓުލައި ނިމުމާއެކު ރައްޔިތުންގެ ބޮލުގައި މިވަނީ ބޮޑު ބުރައެއް އަޅުވައިފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަސްލު ސިފަ ފެނިގެންދިޔަ ކަމެކެވެ.

މި ގެނައި ކުއްލި ބަދަލާއެކު، ކުރިން 17.50 ރުފިޔާއަށް ވިއްކަމުން އައި ތެޔޮ މަސްދަޅެއްގެ އަގު މިއަދުން ފެށިގެން ވަނީ 18.50 ރުފިޔާއަށް އުފުލިފައެވެ. އަދި ތެޔޮ މަސްދަޅު ކޭހެއްގެ އަގު މިހާރު ވަނީ 800 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިކަމަށް އުޒުރު ދައްކަމުން މިފްކޯއިން ބުނެފައިވަނީ އަގު ބޮޑުކުރަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުވަރީ މަހުގެ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު އުފުލިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އިންތިޚާބު ނިމެންދެން މިކަން ސިއްރުކޮށްފައި އޮތުމަކީ ސަރުކާރުގެ ނިޔަތާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.

މީގެ އިތުރުން، ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި މިފްކޯގެ ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ ވަނީ ނިންމައިފައެވެ. މިއިން ވެސް ދައްކައިދެނީ ސަރުކާރު ކުންފުނިތައް މެނޭޖުކުރުމުގައި މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މައްސަލަތައް ދިމާވި ނަމަވެސް، މެދުކެނޑުމެއްނެތި ތެލާއި ކާބޯތަކެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެމުން އައި ނަމަވެސް، ކައުންސިލް އިންތިޚާބު ނިމުމާއެކު ފެނިގެން މިދިޔައީ ރައްޔިތުންނަށް ދިން ހުސް ވައުދުތަކުގެ ހަގީގަތާއި، މުއިއްޒުގެ ސަރުކާރުގެ އަސްލު ސިފައެވެ.