ޕާކިސްތާނުގެ ޚުދުމުހުތާރު މިލިޓަރީ ވެރިކަމުގެ ސަބަބުން ފަގީރުކަން އިންތިހާއަށް ބޮޑުވެ 70 މިލިއަން މީހުން އެންމެ ފަގީރު ހާލަތަށް ވެއްޓިއްޖެއެވެ. ޕާކިސްތާނުގައި އޮތީ ރާއްޖެއަށް ގެންނަން މުއިއްޒު މަސައްކަތް ކުރާ ޚުދުމުހުތާރު އަނިޔާވެރި ވެރިކަމެވެ. މުސްލިމުން ރައްޔިތުންގެ މައްޗަށް ވޯޓު އޮޅުވާލައިގެން އައިސް ގަދަ ބާރުން ވެރިކަން ކުރާ ސަރުކާރެކެވެ.
ޕާކިސްތާނުގައި ފަގީރުކަމުގެ ނިސްބަތް ފާއިތުވި އަހަރުތަކުގެ ތެރޭގައި ނުދާ މިންވަރަށް މައްޗަށް ގޮސް، 29 އިންސައްތައަށް މިހާރު ވަނީ އަރައިފައެވެ. ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު އެ ގައުމުގެ އާމްދަނީގެ ތަފާތު ބޮޑުވުމުގެ މައްސަލަ (Income Inequality) ވަނީ ކުރީ އަހަރުގެ ތެރޭގައި ނުދާ މިންވަރަށް އިތުރުވެފައެވެ.
މިއީ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތެވެ. ޕާކިސްތާނަކީ ރަސްމީ ތަފާސްހިސާބުތައް ބައިނަލްއަޤްވާމީ ދުނިޔެއަށް އޮޅުވާލައިގެން އުޅޭ ސަރުކާރެއް ކަމުން މި އަދަދު މިއަށްވުރެ މާ ބޮޑުތަނުން ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އަހުސަން އިގްބާލް ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 70 މިލިއަން މީހުން ދިރިއުޅެމުންދަނީ އިންތިހާ ފަގީރު ހާލަތުގައެވެ. މިއީ މީހަކަށް މަހަކު 8,484 ރުޕީސްއަށް ވުރެ މަދުން އާމްދަނީ ލިބޭ ހާލަތެވެ.
ތަފާސްހިސާބުތަކުން ފެންނަ މަންޒަރު
ސަރުކާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2018-2019 ވަނަ އަހަރާ އަޅާބަލާއިރު ފަގީރުކަމުގެ މައްސަލަ 32 އިންސައްތަ އިތުރުވެފައިވެއެވެ. 2019 ވަނަ އަހަރު 21.9 އިންސައްތައިގައި ހުރި ފަގީރުކަން، މިހާރު މިވަނީ 28.9 އިންސައްތައަށް އުފުލިފައެވެ. މިއީ 2014 ވަނަ އަހަރަށްފަހު ފެނުނު އެންމެ މަތީ އަދަދެވެ.
މުޅި ގައުމުގެ ގައުމީ އާމްދަނީގެ ތަފާތު (Gini Coefficient) ވަނީ 32.7 އަށް އަރާފައެވެ. މިއީ 1998 ވަނަ އަހަރަށްފަހު ފެނުނު އެންމެ މަތީ މިންވަރެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ދަށު ދަރަޖައިގެ އިގްތިސާދީ ހާލަތަކީ ވެރިކަން ކުރާ ފަރާތްތަކުން ގެންގުޅުނު "ނުރަނގަޅު ސިޔާސަތުތަކުގެ" ނަތީޖާއެކެވެ. މީގެ އިތުރުން، ގައުމުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 7.1 އިންސައްތައަށް އަރާފައިވާއިރު، މިއީ ފާއިތުވި 21 އަހަރުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ.