ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް، ކޮރަޕްޝަންގެ އެތައް ޖަރީމާއެއް ހިންގުމުގެ އިތުރުން، މިނިވަން މީޑިއާ ނައްތާލުމުގެ ބޭނުމުގައި 'ދިޔަވަރު' ނޫސް ބްލޮކް ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ގައުމުގެ އެތެރޭގައި މިފަދަ ބޮޑެތި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައި، މިފަދަ މަތިވެރި އަޅުކަމަކަށް ފުރާވަޑައިގަންނަވާއިރު، ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި މި ދަތުރުފުޅުގެ ހުރިހާ ހަރަދަކާއި މެހުމާންދާރީގެ ކަންކަން ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުގެ ފަރާތުންނެވެ. އަދި މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމުތައް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ ހަމަޖައްސަވާ ނިންމަވާފައެވެ.
މީގެ ކުރިން 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ވަޑައިގެންފައެވެ. އަދި ހަމައެހެންމެ، މިދިޔަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްވެސް އެ ދެކަނބަލުން ވަނީ އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފައެވެ. ނަމަވެސް، ސަރުކާރުގެ ކޮރަޕްޝަނާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަންނަމުންދާ ދަނޑިވަޅެއްގައި މިފަދަ ދަތުރުފުޅެއް ކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.