ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމުގެ އިސް މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ރަސްމީ ތައުލީމީ ފެންވަރެއް ނުވަތަ ތައުލީމީ ސެޓްފިކެޓެއް ނެތް ބޭފުޅަކު މިފަދަ މުހިންމު މަގާމަކަށް އައްޔަންކުރި ފުރަތަމަ ފަހަރުކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ހަސަން ރަޝީދުގެ ވަޒީފާގެ ކުރީގެ ތާރީޚަށް ބަލާއިރު، އޭނާ ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރާއެކު "ތެޔޮ ދޮންބެ" ގެ ތެޔޮ ފިހާރައިގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެ ދުވަސްވަރު ތެޔޮ ދޮންބެގެ ފައިސާތަކެއް ނަގައިގެން ފިލިކަމުގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ އޭނާގެ ސިޔާސީ ހަޔާތުގެ "ކުރީކޮޅުގެ ތަމްރީނުތަކެވެ."
އެއަށްފަހު ހަސަން ރަޝީދު ވަނީ ސިޔާސީ މައިދާނުގައި ހަލުވިކަމާއެކު ކުރިއެރުންތަކެއް ހޯއްދަވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ސިޓީސްގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
ތައުލީމީ ސެޓްފިކެޓްތަކެއް ނެތް ނަމަވެސް، ހަސަން ރަޝީދަށް ވަނީ އޭނާގެ އަމަލީ ތަޖުރިބާގެ އަލީގައި ސަރުކާރުގެ އެންމެ އިސް އެއް ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގެންފައެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާއާއި އާންމުންގެ މެދުގައި ތަފާތު ޚިޔާލުތަކާއި ބަހުސްތައް ދަނީ ކުރެވެމުންނެވެ.