މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ސަނީހުގެ މައްޗަށް، އެޗްޑީސީގައި އޭނާ އަދާކުރި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން، އެޗްޑީސީގެ ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ސަނީހު ހުރިއިރު، ވޯޓަރ ތީމް ޕާކަށް ބޮޑެތި ލޮރީތަކެއް ވައްދައިގެން 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައިވެއެވެ. މި މައްސަލަ އެޗްޑީސީގެ އެތެރޭގެ އޮޑިޓަށް ސާބިތުވުމާ ގުޅިގެން އޭނާ ވަނީ މަގާމުން ސަސްޕެންޑްކޮށް، ފަހުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭރުގެ އެމްޑީ މައުރޫފް ނިންމެވީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާ ގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ޖުމްލަ 87 ބިމަކާއި 26 ކޮމާޝަލް ޔުނިޓް، ރިޝްވަތު ނެގުމަށްފަހު އުސޫލާ ޚިލާފަށް އެކި ފަރާތްތަކަށް ވިއްކާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށްވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
މިފަދަ ބޮޑެތި ތުހުމަތުތަކަކާއި ރެކޯޑުތަކެއް އޮތް ނަމަވެސް، މި ސަރުކާރުން ވަނީ ސަނީހަށް ވެމްކޯގެ ޕްރޮކިއުމެންޓް ހެޑްގެ މަގާމު ދީފައެވެ. އަދި މިހާރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ސިޓީ ކައުންސިލަށް އޭނާ ނެރުމަކީ، އިތުރު ކޮރަޕްޝަނަށް މަގުފަހިކުރުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، މާޒީގައި ހިޔާނާތާއި ވައްކަމުގެ ތުހުމަތުތައް ސާބިތުވެފައިވާ ފަރާތަކަށް ވޯޓު ދިނުމަކީ ކޮރަޕްޝަނަށް ހިތްވަރު ދިނުން ކަމަށެވެ.