ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކޮށް ބޮޑުތަނުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު އުމްރާގެ އަޅުކަމަށްފަހު މާލެ ވަޑައިގެން، މޫސާ އަލީ ޖަލީލަށް ސްޓެލްކޯގެ އެމްޑީކަން ހަމަޖައްސަވައިދެއްވުމަށް މިހާރު ވަނީ ނިންމަވާފައެވެ.
މި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ކަންބޮޑުވުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ސަބަބަކީ، ރައްޔިތުންގެ ސީދާ ވޯޓަކުން ބަލިވެ، ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާ ފަރާތަކަށް ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސްޓެލްކޯ ފަދަ މުހިންމު ކުންފުންޏެއްގެ ހިންގުން ހަވާލުކުރުމަކީ ރައްޔިތުންގެ ނިންމުމަށް ގޮންޖެހުން ކަމުގައި ގިނަ ބަޔަކު ދެކޭތީއެވެ.
ރައްޔިތުން ވޯޓު ފޮށިން ސާފުކޮށް "ނޫނެކޭ" ބުނެފައިވާ ބޭފުޅަކަށް، ރައްޔިތުންނާ ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ އެންމެ އިސް މަޤާމު ދިނުމަކީ ސިޔާސީ ގޮތުން ބެލި ނަމަވެސް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. މިއީ ސަރުކާރުން ރައްޔިތުންގެ އަޑު ނާހާކަމާއި، މަޤާމުތައް ބަހަމުންދަނީ ޤާބިލުކަމަށް ބެލުމެއްނެތި ހަމައެކަނި ސިޔާސީ ބޭނުމަށްކަން ހާމަވާ ކަމެކެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން، މިހާރުވެސް ތަފާތު އެކި ކަންކަމުގައި ފާޑުކިޔުން އަމާޒުވެފައިވާ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ގެއްލިގެން ދާނެކަން ކަށަވަރެވެ. ރައްޔިތުންގެ އިތުބާރު ނެތް މީހަކު އިސްކޮށްގެން ކުންފުނިތައް ހިންގަން އުޅުމަކީ މުޅި ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދި، ސަރުކާރަށް އޮތް ތާއީދު ފަނޑުވެގެންދާނެ ކަމެއްކަން ޔަޤީނެވެ.