ޚަބަރު

ބަންނޫ ފުލުސް މަރުކަޒަށް ދިން ނުރައްކާތެރި ހަމަލާ: ޕާކިސްތާނުގެ އެތެރޭގެ ސެކިޔުރިޓީ ބަލިކަށި ކަމަށް ބުނެ ދުނިޔޭގެ ފާޑު ކިޔުން އަމާޒު ވެއްޖެ

ރަފްޝާ އަހްމަދު
ބަންނޫ ފުލުސް މަރުކަޒަށް ދިން ނުރައްކާތެރި ހަމަލާ: ޕާކިސްތާނުގެ އެތެރޭގެ ސެކިޔުރިޓީ ބަލިކަށި ކަމަށް ބުނެ ދުނިޔޭގެ ފާޑު ކިޔުން އަމާޒު ވެއްޖެ

ޕާކިސްތާނުގެ ހައިބަރް ޕަޚްތޫންހްވާ ޕްރޮވިންސްގެ ބަންނޫ ޑިސްޓްރިކްޓްގައި ހުންނަ 'ފާތިހު ހޭލް' ފުލުސް މަރުކަޒަށް މޭ 9، 2026 ގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ ގައުމުގެ ދާހިލީ ސަލާމަތީ ނިޒާމުގެ ބަލިކަށިކަމާ މެދު ބައިނަލްއަގުވާމީ މީޑިއާތަކުން ފާޑު ކިޔައިފިއެވެ. މި ހަމަލާގައި މަދުވެގެން 21 ފުލުހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، މިއީ ފަހަކަށް އައިސް އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

މި ހަމަލާ ރޭވުމުގައި ޓެރަރިސްޓުން ބޭނުންކުރި އުކުޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފަރާތްަތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން، 1200 އަށްވުރެ ގިނަ ކިލޯގެ ގޮއްވާތަކެތި ހިމެނޭ ކާރު ބޮމެއް ގޮއްވާލުމަށްފަހު، ހަނގުރާމަވެރިން ވަނީ ޒަމާނީ ޑްރޯން ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީ، އެހީއަށް އައި އިތުރު ސިފައިންނަށް މަގުމަތިން ހުރަސްއަޅައި އެމްބުޝްކޮށްފައެވެ. މިއީ ޕާކިސްތާނުގެ އަސްކަރީ އަދި ފުލުހުންގެ ޖާސޫސީ ނިޒާމަށް ނޭނގި، ހަތިޔާރު އެޅި ސަތޭކައަށްވުރެ ގިނަ ހަނގުރާމަވެރިން ރާވައިގެން ހިންގި އޮޕަރޭޝަނެކެވެ.

މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ތާލިބާން (ޓީ.ޓީ.ޕީ) އިން ވަކިވެގެން އުފެދިފައިވާ 'އިއްތިހާދުލް މުޖާހިދީން ޕާކިސްތާން' ކިޔާ އައު ޖަމާއަތަކުންނެވެ. ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތާހިރު އަންދްރާބީ ވިދާޅުވީ، މި ހަމަލާއަކީ އަފްޣާނިސްތާނުގެ ފަސްގަނޑުގައި ތިބެގެން ރާވައި، ބަލަހައްޓަމުންދިޔަ ހަމަލާއެއް ކަމަށެވެ. އެގައުމުން ވަނީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ މަންދޫބު ހާޒިރުކޮށް، ރަސްމީކޮށް އިހުތިޖާޖު ކޮށްފައެވެ.

ނަމަވެސް، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ ޕާކިސްތާނުގެ މި ތުހުމަތުތައް ވަގުތުން ދޮގުކޮށްފައެވެ. އޭނާ ބަޔާންކުރި ގޮތުގައި އަފްޣާނިސްތާނުގެ ފަސްގަނޑަކީ އެއްވެސް ގައުމަކާ ދެކޮޅަށް ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށް ފުރުސަތު ދޭނެ ތަނެއް ނޫނެވެ. މި ބަހުސުގެ ސަބަބުން އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި އޮތް ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ބައިނަލްއަގުވާމީ ދުނިޔޭގައި ޕާކިސްތާނުގެ އަގު ވަނީ ވެއްޓިފައެވެ.

ބައިނަލްއަގުވާމީ މޮނިޓްރިންގް ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، އަމިއްލަ ފަސްގަނޑުގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމުގައި ޕާކިސްތާނު ސަރުކާރު ވަނީ ފެއިލްވެފައެވެ. ކޮންމެ ފަހަރަކު ހަމަލާއެއް ދިނުމުން އަވަށްޓެރި ގައުމުތަކުގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ގަބޫލުކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއިން ދޭހަވަނީ ގައުމުގެ އެތެރޭގެ ސަލާމަތީ ބާރުތަކުގެ މެދުގައި އޮތް ބަލިކަށިކަމެވެ.

މި ހާދިސާގެ ސަބަބުން ޕާކިސްތާނަކީ ބޭރުގެ އިންވެސްޓަރުންނަށާއި ދަތުރުވެރިންނަށް ރައްކާތެރި ތަނެއް ނޫންކަން ދުނިޔެއަށް އަލުން ސާބިތުވެގެން ދިޔައެވެ. ބަންނޫގެ ހަމަލާއަށްފަހު ލައްކީ މަރުވަތު ސަރަހައްދުގެ ބާޒާރެއްގައި ދިން ބޮމުގެ ހަމަލާގައިވެސް 10 މީހުން މަރުވުމުން، ގައުމުގެ އަމާންކަން މުޅިން ގެއްލިފައިވާކަން ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އަރައި، ގައުމުގެ އަގު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.