ޓައިވާނުގެ މިނިވަންކަމުގެ މައްސަލައާއި އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދީ ދާއިރާތަކާ ގުޅުވައިގެން ޗައިނާ އާއި ޖަޕާނާ ދެމެދު އުފެދިފައިވާ ޒަމާންވީ ހަމަނުޖެހުން، ބޮޑުވެ ދެގައުމުގެ ސިޔާސީ ގުޅުމަށް ވަނީ ހުރަސް އެޅިފައެވެ. މީގެ މައިގަނޑު ސަބަބަކީ ޖަޕާނުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލަކާއި، އެގައުމުގެ ދިފާއީ ސިޔާސަތަށް ގެނައި ތާރީޚީ ބަދަލުތަކެވެ.
ގުޅުން ގޯސްވުމުގެ އެންމެ ފުރަތަމަ ސަބަބަކީ 2026 ފެބްރުއަރީ 8 ގައި ޖަޕާނުގައި ބޭއްވުނު އާންމު އިންތިޚާބެވެ. މި އިންތިޚާބުގައި ޗައިނާއާ ދެކޮޅަށް ހަރުކަށި، "ހާޑްލައިން" ސިޔާސަތެއް ގެންގުޅުއްވާ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސަނޭ ޓަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (LDP) އިން ވަނީ ގާނޫނުހަދާ މަޖިލީހުގެ ތިރީގެއިން ތިންބައިކުޅަދެބައިގެ ސުޕަރ-މެޖޯރިޓީއެއް (Landslide Victory) ހޯދާފައެވެ. ޓަކައިޗީގެ މި ބޮޑު ކާމިޔާބީއާއެކު، ޖަޕާނުގެ ރައްޔިތުން އެކަމަނާގެ ސިލްސިލާ ދިފާއީ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަވެ، ޗައިނާއަށް ސިޔާސީ ގޮތުން ބޮޑު ސިހުމެއް ލިބިގެންދިޔައެވެ.
އިންތިޚާބުގެ ކާމިޔާބީއަށްފަހު، ބޮޑުވަޒީރު ޓަކައިޗީގެ ސަރުކާރުން ވަނީ ޖަޕާނުގެ އަސްކަރީ ބަޖެޓު ޖީޑީޕީގެ 2 އިންސައްތައަށް ބޮޑުކުރުމުގެ މަޝްރޫއު، ކަނޑައެޅިފައިވާ މުއްދަތަށްވުރެ ދެ އަހަރު ކުރިން، މި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފާސްކޮށްފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަޕާނުން ގެންގުޅުނު ސުލްހަވެރި (Pacifist Constitution) ސިޔާސަތު ބަދަލުކޮށް، އަސްކަރީ ގޮތުން ކުރިއެރުން ހޯދުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ޖަޕާނުގެ މި ނިންމުމަކީ ސަރަހައްދީ ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބުނެ، އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޖަޕާނުގެ އަސްކަރީ ދުވެއްޔަށް ހުރަސްއެޅުމުގެ ގޮތުން، ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ވަނީ ފެބްރުއަރީ 24 ގައި "އެނައުންސްމަންޓް ނަންބަރު 12" ނެރެ، ޖަޕާނުގެ މުހިންމު 20 ކުންފުންޏަކާއި އިދާރާއެއް އެގައުމުގެ އެކްސްޕޯޓް ކޮންޓްރޯލް "ވޮޗްލިސްޓް" އަށްލާފައެވެ. މީގެ ތެރޭގައި ޖަޕާނުގެ ބޮޑެތި ދިފާއީ ކޮންޓްރެކްޓަރުންނާއި، ހެވީ އިންޑަސްޓްރީޒް، އަދި އެގައުމުގެ ގައުމީ ޖައްވީ އިދާރާ (JAXA) ހިމެނެއެވެ. ޗައިނާއިން ބުނިގޮތުގައި މިއީ މި ކުންފުނިތަކުން ބޭނުންކުރާ "ޑުއަލް-ޔޫސް" (އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ހިފޭ) މުދާ ބަލައިލެވެން ނެތުމުން އެޅި ފިޔަވަޅެކެވެ.
މި ބްލެކްލިސްޓާއެކު، ޗައިނާއިން ވަނީ ޓެކްނޮލޮޖީ އުފެއްދުމަށާއި އަސްކަރީ ސާމާނު ހެދުމަށް ކޮންމެހެން ބޭނުންވާ ރެއާ-އާތު (Rare Earth) މައުދަންތައް ޖަޕާނަށް ބޭރުކުރުން އިންތިހާއަށް ހަރުކަށިކޮށްފައެވެ. ޖަޕާނަކީ އެގައުމުގެ ރެއާ-އާތު ސަޕްލައިގެ 70 އިންސައްތައަށް ޗައިނާއަށް ބަރޯސާވާ ގައުމަކަށްވުމުން، މިއީ ޖަޕާނުގެ ހައި-ޓެކް އަދި ދިފާއީ ސިނާއަތްތަކަށް ދިން ބޮޑު "އިގްތިސާދީ ލޮޅުމެކެވެ." ބައިނަލްއަގުވާމީ مارކެޓްތަކުގައި ޗައިނާގެ މި ނިންމުމާއެކު ބައެއް މައުދަންތަކުގެ އަގު ހަ ގުނައަށް މަތިވެގެންދިޔައެވެ.
ދުނިޔޭގެ ސިޔާސީ ދިރާސާކުރާ ފަރާތްތަކުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ޗައިނާގެ މި އަމަލުތައް ސިފަކުރީ، އެގައުމުން އަވަށްޓެރި ގައުމުތަކަށް އިގްތިސާދީ ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ (Economic Coercion) ގޮތުގައެވެ. މި ހާދިސާގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ޗައިނާއަކީ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއަޅާ ގައުމެއް ގޮތަށް ސިފަކޮށްފައެވެ.