ފެނަކަ ކޯޕަރޭޝަންގެ މަގާމުން ދާދިފަހުން ވަކިކުރި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު، އޭނާގެ ވަޒީފާ އަނބުރާ އިޔާދަކޮށްނުދީފި ނަމަ ކުންފުނީގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދު މި އިންޒާރު ދީފައިވަނީ މިއަދު ހެންވޭރު ކޮޅުގެ ކެފޭއެއްގައި އޭނާގެ ރައްޓެހިންތަކަކާއެކު އިށީނދެ އިނދެ ދެއްކި ވާހަކަތަކެއްގެ ތެރެއިންނެވެ.
ބޮޑެތި ތުހުމަތުތަކާއި ހެކިތައް
ޖިހާދު ބުނި ގޮތުގައި، ފެނަކައިގެ ތެރެއިން "ހަރިންސް އައްލޯ" ހިންގާފައިވާ ހުރިހާ ވައްކަމެއްގެ ތަފްސީލު އޭނާގެ އަތުގައި އެބަހުއްޓެވެ. ވަކިން ހާއްސަކޮށް، އެންމެ ފަހުން ރޯދަމަހު ކުންފުންޏަށް ގެނައި 45 އަދި 28 ޖަނަރޭޓަރާ ގުޅޭ ހުރިހާ މުއާމަލާތްތަކާއި، ލިޔެކިޔުންތަކާއި، ކޮމިއުނިކޭޝަންތައް އޭނާގެ އަތުގައި ރައްކާކުރެވިފައިވާ ކަމަށް އޭނާ ދައުވާ ކުރެއެވެ.
މި ކަމުގައި ޖިހާދަށް އެހީތެރިވަނީ އޭނާއާއެކު މަގާމުން ވަކިކުރި ޗީފް ރިސޯސް އޮފިސަރު (ސީއާރުއޯ) އަބްދުﷲ ޝަނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ޝަނޫން އަކީ ކުރީގެ އެމްޑީ މުހައްމަދު ނަޖާހުގެ ދައުރުގައި ޕްރޮކިއުމަންޓް ދާއިރާ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ.
ސިޔާސީ ނުފޫޒާއި އަލުން އެނބުރި އައުން
ޖިހާދު އިތުރަށް ބުނެފައިވާ ގޮތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބާރުގެ ދަށުން، މަގާމުން ވަކިކުރި ކުރީގެ އެމްޑީ ނަޖާހު އަލުން އެނބުރި މަގާމަށް އަންނާނެއެވެ. މިއީ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ރޭވުންތަކެއްގެ ތެރެއިން ވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
މަސްރަހު އޮތް ގޮތް
ޕީސީބީން ވަނީ ފެނަކައިގެ އެމްޑީ ނަޖާހު މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އިއްޔެ ސީއެފްއޯ ޖިހާދު އާއި ސީއާރުއޯ ޝަނޫން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޑީއެމްޑީ މުހައްމަދު އާރިފް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކުންފުނި ވަގުތީ ގޮތުން ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ޑީއެމްޑީ އާދަމް ތައުފީގާއެވެ. މި ބަދަލުތައް އައިސްފައިވަނީ ދާދިފަހުން ބޭއްވި އިންތިހާބުތަކުގައި ސަރުކާރަށް ލިބުނު ނަތީޖާއަށްފަހު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ގެންނަން ފެށި ބަދަލުތަކުގެ ތެރެއިންނެވެ.
މީގެ ކުރިން ވައްކަން ކޮށްކަމަށް ބުނެ މަގާމުން ވަކި ކޮށްފައިވާ އެޗްޑީސީ އެމްޑީ ފަޒުލް އާއި މެދު އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅާފައި ނުވަނީ މުއިއްޒު އާއި އެކު ގުޅިގެން ކޮށްފައިވާ ވައްކަންތަކުގެ ލިޔެކިޔުންތައް އޭނާގެ އަތުގައި ހުރުމުން ރައީސުލްޖުމްހޫރިޔާ ބްލެކްމެއިލް ވެފައި ހުރުމުގެ ސަބަބުންނެވެ.