ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ "ސްޓޭންޑިންގ ކޮމިޓީ އޮން ނޭޝަނަލް ހެލްތު ސަރވިސަސް" ގެ ބައްދަލުވުމެއްގައި، އެ ގައުމުގައި އެޗްއައިވީ/އެއިޑްސް ފެތުރިފައިވާ މިންވަރު ބަޔާންކުރާ ތަފާސްހިސާބުތަކަކީ އިތުބާރު ނުކުރެވޭ އަދި ފުރިހަމަ ނޫން މައުލޫމާތުތަކެއް ކަމަށް ބުނެ ހޫނު ބަހުސްތަކެއް ކޮށްފިއެވެ.
މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރަނގަޅު ތަފާސްހިސާބުތައް ބައިނަލްއަޤްވާމީ ސިއްހީ ޖަމިއްޔާތަކަށް ހުށަހެޅުމަކީ ގައުމަށް ލިބޭނެ ބޮޑު ލަދުވެތިކަމެކެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ހުށަހެޅި ރިޕޯޓާ މެދު މެންބަރުން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ. ވަކިން ހާއްސަކޮށް، ޕާކިސްތާނު ޕީޕަލްސް ޕާޓީގެ މެންބަރު ޝާޒިއާ ސޯބިއާ ސޯމްރޯ ވަނީ މި ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރިޕޯޓުގެ މައްސަލަތައް:
މުޅި ގައުމުގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދަކީ 81,000 ކަމަށް ފެޑެރަލް ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، ޕްރޮވިންސްތަކުން ލިބެން ހުރި މައުލޫމާތުތަކާ މި އަދަދު މުޅިން ފުށުއަރައެވެ.
ޕްރޮވިންސްތަކުގެ ހާލަތު: ސޯމްރޯ ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި 2025 ވަނަ އަހަރު ހައިބަރު ޕަހްތުންކްވާގައި 40,000 ކޭސް، ބަލޫޗިސްތާނުގައި 7,000 އާއި 8,000 އާ ދޭތެރޭގެ ކޭސް އަދި އިސްލާމްއާބާދުގައި 300 އެއްހާ ކޭސް ފެނިފައިވެއެވެ.
އިހުމާލު: އިސްލާމްއާބާދު ހެލްތުކެއާ ރެގިއުލޭޓަރީ އޮތޯރިޓީން ފޮނުވާފައިވަނީ މިހާރުގެ ތަފާސްހިސާބުތައް ނޫން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ހަރަދުތަކާއި ސިއްހީ ނިޒާމުގެ ގޮންޖެހުންތައް
ނޭޝަނަލް އެއިޑްސް ޕްރޮގްރާމުން ކޮންމެ އެޗްއައިވީ ބަލިމީހަކަށް އަހަރަކު 300އާއި500 އާ ދޭތެރޭގެ ހަރަދު ކުރާ ކަމަށް ސިއްހީ އޮފިޝަލުން ބުނި ނަމަވެސް، ކޮމިޓީގެ މެންބަރުން ވަނީ އެކަމާމެދު ވެސް ޝައްކު އުފައްދާފައެވެ.
ފެޑެރަލް ހެލްތު މިނިސްޓަރު މުސްތަފާ ކަމާލް ވިދާޅުވީ، ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް އެއްފަހަރާ ހައްލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ޕާކިސްތާނުގައި 300,000 މީހުންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް ބުނާ އަދަދުތަކަކީ ހަގީގީ އަދަދުތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހެލްތް މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް 2023ގެ ނިޔަލަށް އެކަނި ޕާކިސްތާނުގައި 350،000 މީހުންނަށް HIV ޖެހިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން މާލީ ވަޒީރު ވިދާޅުވީ:
އެޗްއައިވީ ކޮންޓްރޯލް ކުރުމަށް ލިބޭ ފައިސާގެ 25% ސަރުކާރުން ހަރަދުކުރާ ކަމަށް.
ބާކީ 75% ހަރަދު ކުރަނީ ސަރުކާރު ނޫން ޖަމިއްޔާތައް (NGOs) މެދުވެރިކޮށް ކަމަށް.
އެހެނިހެން ކަންބޮޑުވުންތައް
މި ބައްދަލުވުމުގައި ޝާޒިއާ ސޯމްރޯ ވަނީ ގާނޫނާ ހިލާފަށް އެބޯޝަން (Abortions) ހެދުމުގެ މައްސަލަ ވެސް ފެންމަތިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި 60% އަށްވުރެ ގިނަ އެބޯޝަނަކީ ގާނޫނާ ހިލާފަށް ކުރަމުންދާ އެބޯޝަންތައް ކަމަށެވެ. މިއީ ގައުމީ ސިއްހީ ނިޒާމު ފެއިލް ވެފައި ވާކަން ދައްކައިދޭ ކަމެއް ކަމަށް ކޮމިޓީން ފާހަގަކުރިއެވެ.