ހާރިޖީ ގުޅުންތަކަށް ކުރިމަތިވި ބޮޑު ހީނަރުކަމަށް ފަހު، ދެ ގައުމުގެ ގުޅުން އަލުން އިއާދަކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި (Free Trade Agreement) ސޮއިކުރުމަށް އިންޑިއާ އާއި ކެނެޑާއިން އަމާޒު ހިފައިފިއެވެ.
މިކަން ހާމަކުރެއްވީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރައްވަމުންދާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ. ދެ ބޭފުޅުން ވަނީ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައް އަވަސްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
ވިޔަފާރީގެ ބޮޑު އަމާޒެއް
ބޮޑުވަޒީރު މޯދީ ހާމަކުރެއްވި ގޮތުގައި، 2024-25 ވަނަ އަހަރު ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގައި ހުރި ދެ ގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް، 2030 ވަނަ އަހަރު އަންނަންވާއިރު 50 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ދަނީ އުންމީދު ކުރަމުންނެވެ. މި އިގްތިސާދީ ބައިވެރިވުމަށް ބޭނުންވާ މައިގަނޑު އުސޫލުތަކަށް ދެ ފަރާތުން މިހާރު ވަނީ އެއްބަސްވެފައެވެ.
2.6 ބިލިއަން ޑޮލަރުގެ ނިއުކްލިއާ އެއްބަސްވުން
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވެރިން ވަނީ މަދަނީ ނިއުކްލިއާ ހަކަތައިގެ ދާއިރާއިން 2.6 ބިލިއަން ޑޮލަރުގެ ތާރީހީ އެއްބަސްވުމެއް އިއުލާނުކުރައްވާފައެވެ.
- ޔުރޭނިއަމް ސަޕްލައި: މި އެއްބަސްވުމުގެ ދަށުން ކެނެޑާއިން ދިގު މުއްދަތަކަށް އިންޑިއާއަށް ޔުރޭނިއަމް ފޯރުކޮށްދޭނެއެވެ.
- ކެމެކޯ ކުންފުނީގެ ދައުރު: ކެނެޑާގެ މަޝްހޫރު 'ކެމެކޯ' ކުންފުނިން ވަނީ އިންޑިއާގެ ނިއުކްލިއާ ހަކަތަ ފުޅާކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ގުޅުން ގޯސްވާން މެދުވެރިވި ސަބަބު
2023 ވަނަ އަހަރު ކެނެޑާގައި ސިކުންގެ ވަކިވެގަތުމަށް މަސައްކަތްކުރާ މީހަކު މަރާލި މައްސަލައިގައި އިންޑިއާ ސަރުކާރުގެ އަތެއްވާ ކަމަށް އޮޓާވާއިން ތުހުމަތުކުރުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިންތިހާއަށް ގޯސްވިއެވެ. އިންޑިއާއިން އެ ތުހުމަތުތައް ދޮގުކުރިއިރު، ދެ ގައުމުން ޑިޕްލޮމޭޓުން ބޭރުކޮށް ވިޔަފާރީގެ މަޝްވަރާތައް ވެސް އޮތީ މެދުކަނޑާލާފައެވެ.
ކާނީގެ ދަތުރުފުޅުގެ މައިގަނޑު ބޭނުން: ކެނެޑާގެ ބޮޑުވަޒީރުގެ މި ހަތަރު ދުވަހުގެ ދަތުރުގެ ބޭނުމަކީ، ކެނެޑާއިން އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސާފު ހަކަތަ، މުހިންމު މައުދަންތައް އަދި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާއާ އެކު އޮތް ގުޅުން އަލުން އިއާދަކޮށް ވަރުގަދަކުރުމެވެ.