ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑުވެގެންވާ ޖަރީމާއެއް ހިންގައިފިއެވެ.
މި ހަފުތާގެ ތެރޭގައި އެކަނިވެސް އެޗްޑީސީން ވަނީ 400 އަށްވުރެ ގިނަ މީހުންނަށް އަލަށް ވަޒީފާ ދީ، 1000 އަށްވުރެ ގިނަ މީހުންނަށް އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ވަޒީފާގެ ކުރިއެރުން (ޕްރޮމޯޝަން) ދީފައެވެ. މިއީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރުވުމަށް ހިންގާފައިވާ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.
މައުލޫމާތު އެނގޭ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި ޕްރޮމޯޝަންތައް ބަހަމުން ދަނީ ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީއަށް އެއްވެސް ބެލުމެއް ނެތި، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގުމަށެވެ. މަޖިލިސް މެމްބަރުންނާއި ނުފޫޒުގަދަ ފަރާތްތައް މެދުވެރިކޮށް އަންގާ އެންގުންތަކަށް، އިދާރީ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށްވެސް އެއްވެސް ބެލުމެއް ނެތި ދަނީ ޕްރޮމޯޝަން ދެމުންނެވެ.
މި ބޮޑު ޖަރީމާގެ ސަބަބުން ކުންފުނީގެ މާލިއްޔަތަށް ވަނީ އިންތިހާއަށް ބާރުބޮޑުވެފައެވެ. ކުރީ ސަރުކާރު ނިމުނުއިރު އެޗްޑީސީގެ މުސާރައާއި އިނާޔަތްތަކަށް މަހަކު ކުރާ ހޭދަ 27 މިލިއަން ރުފިޔާގައި ހުރި ނަމަވެސް، އިންތިހާބާ ދިމާކޮށް ހިންގާ މި އުސޫލުން ބޭރު އަމަލުތަކާ ހުރެ މިހާރު އެ އަދަދު ވަނީ 45 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 100 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ދަށުދަރަޖައިގެ އަމަލުތަކާ ގުޅިގެން ޖަވާބުދާރީވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހައިރާ ސުވާލުކުރުމުން، އޭނާ ވަނީ ޖަވާބުދެއްވަން އުޒުރުވެރިވެވަޑައިގެންފައެވެ. މިއީ ކުންފުނީގެ އިސްވެރިންނަށްވެސް މިއީ އިންތިހާބާ ދިމާކޮށް ހިންގާ ގޯހެއްކަން އެނގޭކަމުގެ ސާފު ހެއްކެކެވެ.
އެޗްޑީސީގެ އިތުރުން ކަސްޓަމްސް، އާރުޑީސީ، އެމްޓީސީސީ، އެމްއޭސީއެލް އަދި މިނިސްޓްރީތަކުންވެސް ދަނީ އިންތިހާބާ ދިމާކޮށް ހައްދެއް ނެތް ގޮތުގައި ވަޒީފާތައް ބަހަމުންނެވެ. ރައީސް މުހައްމަދު މުއިއްޒު މިއީ އިންތިހާބާ ގުޅިގެން "ކަޑަޖެހުމުގެ" ގޮތުން ކުރާ ކަމެއް ނޫންކަމަށް ވިދާޅުވި ނަމަވެސް، މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެކޭ އެއްފަދައިން، ކައުންސިލް އިންތިހާބާ ދިމާކޮށްވެސް މި ހިންގަނީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޮޑު ޖަރީމާއެއްކަން ރައްޔިތުންނަށް މިއަދު ސާފުވެއެވެ.