މެދުއިރުމަތީގައި ކުރި ހަނގުރާމަ ނިމުނުފަހުން، އެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކޮށްފާނެ ނޭދެވޭ އަސަރަކުން ރައްކާތެރިވުމަށްޓަކައި، ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގައިފިއެވެ.
ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެތަންތަނުގެ ސަބްސިޑަރީތަކަށް ފޮނުވި ސާކިއުލާގައި ވަނީ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމަށް އަންގާފައެވެ. އެގޮތުން، ރަސްމީ ގަޑީގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް އިސްކަންދީ، ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް ވަނީ އިރުޝާދުދީފައެވެ. އަދި ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާނެ ގޮތެއްގެ މަތިން، ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އާ މުވައްޒަފުން ނުނެގުމަށާއި، މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ކޭޝްފްލޯ ދަތިނުވާ ގޮތަށް މާލީ ކަންކަން ރާވައި ހިންގުމަށާއި، ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ފިޔަވައި އިތުރު ޚަރަދުތައް ނުކުރުމަށްވެސް ޕީސީބީން ވަނީ އަންގާފައެވެ. ހަމަ އެހެންމެ، ހަފްލާތައް ބޭއްވުން ވީހާ ވެސް މަދުކޮށް، ކުންފުނިތަކުގެ ދެމެދުގައި ވަސީލަތްތައް ހިއްސާކޮށްގެން ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ހިތްވަރުދީފައެވެ. މި ހުރިހާ ފިޔަވަޅުތަކެއްގެ މައިގަނޑު މަގުސަދަކީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސޯދީ ލޮޅުމަކުން ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމެވެ.
މީގެ ކުރިން، މާޗު މަހުގެ 30 ވަނަ ދުވަހު ވެސް ޕީސީބީން ވަނީ ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް މަދުކުރުމަށާއި، ބިޒްނަސް ކްލާހުގައި ދަތުރުނުކުރުމަށް އަންގާފައެވެ. ހަމަ އެހެންމެ، ބޭރުގެ ފަރާތްތަކާ ބައްދަލުވުންތައް ވީހާ ވެސް ބޮޑަށް އޮންލައިންކޮށް ބޭއްވުމަށާއި، ޓްރެއިނިންގ ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ތަމްރީނު ހޯދުމަށް ވަނީ އިރުޝާދުދީފައެވެ.
ޕީސީބީގެ އިތުރުން، ފިނޭންސް މިނިސްޓްރީ ވެސް ވަނީ ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކަށް ޚަރަދު ކުޑަކުރުމަށް އަންގާފައެވެ. މިފްކޯ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ތަންތަނުން މިހާރު ވެސް ދަނީ މި ފިޔަވަޅުތައް ތަންފީޒު ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، އިންތިޚާބަށްފަހު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ. 40 ދުވަހަށް ކުރިޔަށްދިޔަ މެދުއިރުމަތީގެ ހަގުރާމަ ނިމުމަކަށް އައިސްފައިވަނީ އެމެރިކާއާއި އީރާނު ސުލްހައިގެ ވާހަކަތަް ޕާކިސްތާނުގައި ކުރިޔަށް ގެންދިއުމަށް އެއްބަސްވުމާއި ގުޅިގެންނެވެ.