ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސަރުކާރުގެ މުހިންމު ދެ ސަފީރުކަމެއްގައި ތިއްބެވި މި ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުންނެވެ. އެގޮތުން މުންދު އަކީ މެންބަރު އަސްމާގެ ދަރިކަލުންނެވެ. އަދި ޑރ. ސަލްމާ އަކީ އަސްމާގެ ކޮއްކޮއެވެ.
މި ދެ ބޭފުޅުން މަގާމުން ދުރުކޮށްފައި މިވަނީ، މެންބަރު އަސްމާ ވާހަކަދައްކަވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް މުޢިއްޒު މި ދެބޭފުޅުން މަގާމުން ދުރުކުރެއްވުމުގެ އިތުރުން، މެންބަރު އަސްމާގެ މަޖިލިސް ގޮނޑި ގެއްލުވާލާނެކަމުގެ އިންޒާރު ވެސް މިހާރު ވަނީ ދީފައެވެ. މި ވެރިކަމުގައި ގާނޫނު އަސާސީއަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކުން އަޅާ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން މެމްބަރުންގެ ގޮނޑި ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މި ބަދަލުތަކާ ގުޅިގެން، ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ އަންހެން ދަރިކަނބަލުން އާމިނަތު ޙުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް، އެކަން ދޮގުކުރައްވައި ތަރުޖަމާނު ހީނާ ވިދާޅުވީ އާމިނަތު ޙުސައިން ޝަރީފް މަގާމުން ވަކިކުރައްވާފައި ނުވާކަމަށެވެ.