ސިފައިންގެ ޑައިވަރެއްގެ ފުރާނަ ގެއްލުނު ނުރައްކާތެރި ރިކަވަރީ އޮޕަރޭޝަނާ ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ތެރޭގައި، އެ އޮޕަރޭޝަން ހިންގުމާއި ހުއްދަ ދިނުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ. ވާވު އަތޮޅު ކަނޑުގެ ހޮހޮޅައެއްގައި ތިބި އިޓަލީގެ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ހޯދަން ހިންގި އެ އޮޕަރޭޝަންގައި، ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ ނިޔާވުމުން، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް ނިންމުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ކެބިނެޓުގެ އެއްވެސް ވަޒީރެއްގެ ދައުރެއް ނޯންނާނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ އަކީ ސިފައިންގެ ވެރިއާއެވެ. އެހެންކަމުން ސިފައިންގެ ގާބިލު ކަން ކަންކަމުގައި ހުންނަ ވަރު ނޭނގޭ ކަމަށް އެ މައުލޫމާތު ނުލިބޭ ކަމަށް ބުނުމަކީ މަޤާމުގެ ޒިންމާއިންނާއި ރައްޔިތުން ޤައުމުގެ ވެރިމީހާގެ ހައިސިއްޔަތުން އޭނާ އާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ނޭނގޭ ކަމަށް ބުނުމެވެ.
ސަރުކާރުގެ ދިފާއުގައި މުންދު ވިދާޅުވީ، ސިފައިންގެ ކޯސްޓުގާޑުން ރައީސް މުއިއްޒަށް ދިން ބްރީފިންގައި، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގާބިލުކަން ނެތް ވާހަކަ އެއްވެސް އިރަކު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެ ބްރީފިންގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެއީ "ރިސްކީ" އޮޕަރޭޝަނެއްކަން ފިޔަވައި އިތުރު ކަންބޮޑުވުމެއް ސިފައިން ފާޅުކޮށްފައި ނުވާ ކަމަށެވެ. "އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ ކެޕޭސިޓީ ދަށްވެގެން އެ ބޭފުޅުންނަށް ނުވާނެ ވަރު ކަމެއް މަތިކުރުވާ ކަހަލަ އެއްވެސް ވާހަކައެއް ނުދެކެވޭ،" މުންދު ވިދާޅުވިއެވެ.
ނަމަވެސް، އެމްއެންޑީއެފްގެ ކޮމާންޑާންޓް މުހައްމަދު ސަލީމް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި، އެހާ ފުނަށް ފީނުމުގެ ގާބިލުކަން ސިފައިންގެ ނެތް ކަމަށް ވިދާޅުވެފައިވާކަން ނޫސްވެރިން ފާހަގަކުރުމުން، މުންދު ވިދާޅުވީ އެ ވާހަކަތައް ސިފައިން ދެއްކީ ރައީސަށް ބްރީފިން އެރުވި ފަހުން ކަމަށެވެ. ސަރުކާރުން މިގޮތަށް ޒިންމާތަކުން ބަރީއަވުމަށް މަސައްކަތްކުރަމުންދާއިރު، ސިފައިންގެ ފަދަ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ސަރުކާރުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.