ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން، ކުރިއަށް އޮތް އަހަރަށް އެ މުދާ އެކްސްޕޯޓު ކުރުމުގެ ހުއްދަ (ކޯޓާ) ދިވެހި ސަރުކާރުން އެދުނު މިންވަރަށް އިންޑިއާ ސަރުކާރުން އިތުރުކޮށްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ އުސޫލުގެ ދަށުން ކުރިއަށް އޮތް އަހަރަށް ކަނޑައެޅި މި ކޯޓާއަކީ 1981 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ކަނޑައެޅި އެންމެ ބޮޑު ކޯޓާއެވެ.
އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިން އަސާސީ ބާވަތްތައް
އިންޑިއާއިން ރާއްޖެއަށް އިތުރުކޮށްދީފައިވާ ކާބޯތަކެތީގެ އަސާސީ ބާވަތްތަކާއި އިމާރާތްކުރުމުގެ ސާމާނުތަކަކީ:
- ފިޔާ އަދި އަލުވި
- ހަނޑޫ، ފުށް، އަދި ހަކުރު
- މުގު
- ހިލަ އަދި ހިލަވެލި
މީގެ ތެރެއިން ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ހަނޑޫ އެތެރެ ކުރުމަށް ކަނޑައެޅި ކޯޓާ، ނިމިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 77 ޕަސެންޓު އިތުރުކޮށްފައެވެ.
ބާޒާރުގެ ރައްކާތެރިކަމާއި އިންޑިއާގެ ޔަގީންކަން
ދުނިޔޭގެ ނުވަތަ އެ ގައުމުގެ އެތެރޭގެ ހާލަތަކަށް ބަލައި އިންޑިއާއިން މުދާ އެކްސްޕޯޓު ކުރުން މަނާކުރާ އެއްވެސް ފިޔަވަޅެއް އެޅި ނަމަވެސް، ރާއްޖޭގެ ކޯޓާއަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް (ހިޔަންޏެއް) ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. އެހެންކަމުން ކޮންމެފަދަ ހާލަތެއްގައި ވެސް ރާއްޖެއަށް ކަނޑައެޅި ކޯޓާއަށް މުދާ އެކްސްޕޯޓު ކުރަމުންދާނެއެވެ.
'އަވައްޓެރިންނަށް އިސްކަންދިނުން'
ރާއްޖޭގެ ތާރީޚުގައި ވެސް ނުދޭވަރުގެ ބޮޑު ކޯޓާއެއް އަސާސީ މުދާ އެކްސްޕޯޓު ކުރުމަށް ދިނުމުން ހާމަވަނީ، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" (އަވައްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތު) ގެ ދަށުން ދިވެހިރާއްޖޭގެ އިންސާނީ ތަރައްގީއަށާއި ކާބޯތަކެތީގެ ރައްކާތެރިކަން (Food Security) ކަށަވަރުކުރުމަށް އެ ގައުމުން ދޭ ހާއްސަ އަހައްމިއްޔަތުކަން ކަމަށް އިންޑިއާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.