ޚަބަރު

ކައުންސިލް އިންތިހާބާ ދިމާކޮށް ޖަލުން ދޫކުރި ޑްރަގް ނެޓްވޯކުގެ އިސް މީހުން ޕީއެންސީގެ ކެމްޕެއިންގައި

ދިޔަވަރު
ކައުންސިލް އިންތިހާބާ ދިމާކޮށް ޖަލުން ދޫކުރި ޑްރަގް ނެޓްވޯކުގެ އިސް މީހުން ޕީއެންސީގެ ކެމްޕެއިންގައި

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖަލުން ދޫކޮށްލި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު އޮތް މީހުންނާއި ކުށްވެރިން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާން ފަށައިފިއެވެ.

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމްއާއި އިތުރު ފަސް މީހަކު ދާދި ފަހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެދިވަޑައިގެން މިނިވަންކޮށްފައެވެ. މި މީހުން މިހާރު އަންނަނީ ޕީއެންސީގެ އައްޑޫ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ އާއި ސ. ހިތަދޫ މާމެންދޫ ދާއިރާގެ ކެންޑިޑޭޓް ފާތިމަތު ރަޝީދާގެ އިތުރުން ޕީއެންސީގެ އެހެނިހެން ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ފާޅުގައި ބައިވެރިވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަންފާއަށްޓަކައި ޑްރަގް ޑީލަރުންނާއި، ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ޖަލުން ދޫކުރަމުންދާކަން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމާއި ކެމްޕެއިނަށް މީހުން ހޯދުމުގެ ބޭނުމުގައި ކުރަމުންދާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމީ، ތަހުގީގަށް ދިން އެންމެ ދިގު މުއްދަތު ހަމަވިއިރުވެސް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް ބުނެއެވެ. އެހެންނަމަވެސް ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި ނެޓްވޯކުގައި ހިމެނޭ ހަތަރު މީހެއްގެ އެކައުންޓަށް ފާއިތުވި ފަސް އަހަރު ތެރޭގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށް ދައުރުކޮށްފައެވެ. މައްސަލަ ޑިކްލައިން ކުރި ނަމަވެސް، އާ ހެއްކެއް ލިބިއްޖެނަމަ އަލުން ދައުވާކުރަން ފޮނުވުމަށް ޕީޖީން ފުލުހުންނަށް އޮތީ ލަފާދީފައެވެ.