ޚަބަރު

ފަސްޓް ލޭޑީގެ ޖަލްސާއަށް ވަޑައިގަންނަވާތީ އޯޕީޑީ ބަންދުކޮށް، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބަލިމީހުންގެ ވެއިޓިން އޭރިއާ ޖަލްސާ ހޯލަކަށް ބަދަލުކޮށްފި

ރަފްޝާ އަހްމަދު
ފަސްޓް ލޭޑީގެ ޖަލްސާއަށް ވަޑައިގަންނަވާތީ އޯޕީޑީ ބަންދުކޮށް، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ބަލިމީހުންގެ ވެއިޓިން އޭރިއާ ޖަލްސާ ހޯލަކަށް ބަދަލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައު އިމަޖެންސީ ރޫމް (އީ.އާރު) އިފުތިތާހުކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތްތައް މިއަދު މުޅިން މެދުކަނޑާލައި، ބަލިމީހުން މަޑުކުރާ ވެއިޓިން އޭރިއާ ޖަލްސާ ބާއްވާ ތަނަކަށް ބަދަލުކޮށްފިއެވެ.

ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދީފައި

މިކަމާ ގުޅިގެން ފެތުރެމުންދިޔަ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ކޭއާރުއެޗާ ސުވާލު ކުރުމުން، އެ ހޮސްޕިޓަލުން ވަނީ މިއަދު އޯޕީޑީގެ ޚިދުމަތްތައް މެދުކަނޑާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވެއިޓިން އޭރިއާގެ ގޮނޑިތައް ނަގައި، އެހެން ގޮނޑިތަކެއް އަތުރައި، ރަސްމީ ޖަލްސާއެއް ބޭއްވޭ ގޮތަށް މުޅި ތަން ވަނީ ތައްޔާރުކޮށްފައެވެ.

ހދ. އަތޮޅާއި މުޅި ބޮޑުތިލަދުންމަތީގެ ގިނަ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ މި ހޮސްޕިޓަލުގެ ޚިދުމަތް ހުއްޓާލައި، ސީދާ ބަލިމީހުން ޚިދުމަތް ހޯދަން ގޮސް އުޅޭ ހޮސްޕިޓަލުގެ ގޯތިތެރޭގައި ސިޔާސީ ރަސްމިއްޔާތެއް ބޭއްވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް ފާޅުވެފައެވެ.

ރައްޔިތުންގެ ކަންބޮޑުވުން

މުޅި ބޮޑުތިލަދުންމަތީ މީހުން ދައްކަން އޮތް ހޮސްޕިޓަލް މިއަދު ބަންދު. މިއަށް ވުރެ ހަރުދަނާކޮށް، ސީރިއަސްކޮށް ހޮސްޕިޓަލެއް ހިންގަންޖެހޭނީ."

ކުޅުދުއްފުށީ ރައްޔިތެއް

މިއީ ހަމަ އިންތިޚާބަށް އަމާޒުކޮށްގެން ދައްކާލާ ޝޯއެއް. ބަލިމީހުންނަށް ފަރުވާ ނުދީ، ހޮސްޕިޓަލުގެ ގޯތިތެރޭގައި ސިޔާސީ ޖަލްސާތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ޢާންމު ރައްޔިތެއް

ހުޅުވީ ކޮން ތަނެއް؟

މިއަދުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ ކޭއާރުއެޗްގެ އައު އީއާރުގެ އިތުރުން ޑަޔަލެސިސް ސެންޓަރެއް ވެސް އިފުތިތާހުކޮށްދެއްވައިފައެވެ. ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން ފާހަގަކުރާ ގޮތުގައި، އީއާރު ބަދަލުކޮށްފައި ވަނީ ހޮސްޕިޓަލާ ޖެހިގެން އޮންނަ ބާ ޢިމާރާތަކަށެވެ. އަދި މީގެ ކުރިން ވެސް ކުޅުދުއްފުށީގައި ޑަޔަލެސިސް ޚިދުމަތް ދެމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

މިއީ ފުރަތަމަ ފަހަރެއް ނޫން

މިފަދަ ހާދިސާއެއް ހިނގައިގެން މިދިޔައީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ސާޖިދާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރެއްގައި ހޮސްޕިޓަލުގެ ޚިދުމަތްތައް ކަނޑައިލިކަމުގެ ޝަކުވާ ޢާންމުން ކުރިއެވެ. އެހެންނަމަވެސް، އެ ފަހަރު ހޮސްޕިޓަލުން ބުނީ ޚިދުމަތްތައް ހުއްޓާލާފައި ނުވާނެ ކަމަށެވެ. މި ފަހަރު އެ ހޮސްޕިޓަލުން ވަނީ އޯޕީޑީ ބަންދުކުރިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

އިންތިޚާބީ ސިޔާސީ ކެމްޕެއިނެއް؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، ސާޖިދާ ގެންދަވަނީ އެކި ރަށްރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ. މިއަދު ކުޅުދުއްފުށީގައި ވެސް ދޮރުންދޮރަށް ކެމްޕެއިން އިވެންޓެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގިނަ ރައްޔިތުން ސިފަކުރާ ގޮތުގައި، މިއީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ސިޔާސީ މަންފާ ހޯދުމަށް ޖަހާ "ކަޑައެކެ"ވެ. ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ޞިއްޙީ ޚިދުމަތް ހުއްޓާލައި، ސިޔާސީ ރަސްމިއްޔާތުތައް ބޭއްވުމަކީ ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް ވުރެ ސިޔާސީ މަސްލަހަތު އިސްކުރާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.