މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖެ އަންނަ ފަތުރުވެރިންގެ %30 އާއި %35 އާ ދެމެދުގެ މިންވަރެއް މަދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 8,800 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން %30-%35 ފަތުރުވެރިންނަކީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުގައި ރާއްޖެއަށް ދަތުރުކުރި މީހުންނެވެ.
ގެއްލުން ކުޑަކުރަން ކުރާ މަސައްކަތްތައް
މެދުއިރުމަތީގެ ދަތުރުތައް ހުއްޓިފައި އޮތުމުން ލިބޭ އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ އިތުރު ގޮތްތަކާއި އާ މާކެޓުތައް ހޯދަމުންނެވެ. އަމާޒަކީ މެދުއިރުމަތީގައި ޓްރާންސިޓް ކުރަން ނުޖެހޭ ފްލައިޓުތަކުގެ ފްރެކުއެންސީ އިތުރުކުރުމެވެ.
- ހާއްސަ އިސްކަމެއް ދޭ މާކެޓުތައް: ޗައިނާ އަދި އިންޑިއާ.
- ސްޓްރެޓެޖީ: މި ގައުމުތަކުން ރާއްޖެއަށް ކުރާ ފްލައިޓުތައް ގިނަކޮށް، ފަތުރުވެރިން އަންނާނެ އިތުރު އޮޕްޝަންތައް ހުޅުވައިދިނުން.
ހާލަތުގެ އަސަރު ފަތުރުވެރިންނަށް
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގައި ތިބި 4,929 ފަތުރުވެރިޔަކަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބަސް: މެދުއިރުމަތިން ކުރާ ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު ބޭނުންތެރި ދަތުރުތަކަކަށް ވުމުން، މި ދަނޑިވަޅުގައި ދިވެހިންނަށާއި ފަތުރުވެރިންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް ބޭރުގެ އެހެން އެއާލައިންތައް ރާއްޖެ ގެނައުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.
އެގޮތުން ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކާ އެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.