ޚަބަރު

ރައީސް އޮފީސް ތެރޭގައި ކުރިކަމަށް ބުނާ ޒިނޭއާއި ހިންގިކަމަށް ބުނާ ބަދު އަޚްލާގީ އަމަލު: މުއިއްޒު ހަނު ހުންނެވުމަކީ ހައްލެއްތަ؟

ރަފްޝާ އަހްމަދު
ރައީސް އޮފީސް ތެރޭގައި ކުރިކަމަށް ބުނާ ޒިނޭއާއި ހިންގިކަމަށް ބުނާ ބަދު އަޚްލާގީ އަމަލު: މުއިއްޒު ހަނު ހުންނެވުމަކީ ހައްލެއްތަ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ކުރެވިފައިވާ ބަދުއަޚްލާޤީ އަމަލުތަކުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ ނަމަކަށް ކިޔާ ފަރާތަކުން ވަނީ ރައީސް މުއިއްޒުއާއެކު ބަދުއަޚްލާޤީ ގުޅުން ހިންގާފައިވާކަމަށް ބުނެފައެވެ. އޭނާ މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، ރައީސް އޮފީހުގެ ތެރޭގައި، ޚާއްސަކޮށް ރައީސް މުއިއްޒުގެ ކޮޓަރިކޮޅުގައި ހުރި "އެލް" ސޯފާއެއްގައި އެމަނިކުފާނާއެކު ޒިނޭކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އީޝާ ވަޒީފާއިން ވަކިކުރުމާއި، އޭނާއާ ގުޅުން އޮތްކަމަށް ބުނާ ފެނަކައިގެ ކުރީގެ އެމްޑީ މުއާޒްއާއި ސްޓެލްކޯގެ ކުރީގެ އެމްޑީ ސަމާހު މަގާމުން ވަކިކުރުމުގައިވެސް ރައީސް މުއިއްޒުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

މި އިންޓަވިއުގެ އަސްލު ކަށަވަރު ކޮށްދޭނެކަމަށް މި ވާހަކަ ޝާއިއުކުރި ނޫހުން ވަނީ ބުނެފައެވެ.

ޒިނޭއާއި ބަދުއަޚްލާޤީ އަމަލު ހިންގުމުގެ ތުހުމަތަކީ އެއްވެސް ގޮތަކަށް އާދައިގެ ތުހުމަތަކަށް ނުވާއިރު، އަދި ޚާއްސަކޮށް މިއީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މައްޗަށް ކުރެވޭ ތުހުމަތަކަށް ވުމުން، މިކަމުގެ ހަގީގަތް އާންމު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސް މުއިއްޒުގެ މައްޗަށް ލާޒިމުކަމެކެވެ. ދައުލަތުގެ އެންމެ މަތީ އިދާރާގެ ތެރޭގައި މިފަދަ އަމަލުތަކެއް ހިނގާފައިވާކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ އަޅާނުލައި ދޫކޮށްލެވޭނެ ފަދަ ލުއި ކަންތައްތަކެއް ނޫނެވެ.

މިފަދަ ބޮޑު ތުހުމަތެއް ކުރެވޭ ހިނދު، އެމަނިކުފާނު ހަނު ހުންނެވުމަކީ އޮތް ހައްލެއް ނޫނެވެ. މި ތުހުމަތުތަކަކީ ދޮގެއްކަމަށް ވާނަމަ، އެކަންވެސް އެމަނިކުފާނު އާންމު ރައްޔިތުންނަށް ސާފުކޮށްދެއްވައި، ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ.